ގޭބިސީތަކުގައި ހަކަތަ އިގްތިސާދުކުރުމާ ގުޅޭ ދިރާސާގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ބާއްވައިފި
ދިވެހިރާއްޖޭގެ ގޭބިސީތަކުގައި ހަކަތަ އިގްތިސާދުކުރުމާ ގުޅޭގޮތުން އާންމުންގެ އުޅުމާއި ވިސްނުން ހުންނަގޮތް ދެނެގަތުމަށް ހެދި ދިރާސާގެ ހޯދުންތައް ސައްހަކުރުމުގެ ގޮތުން ބޭއްވި "ވެލިޑޭޝަން ވޯކްޝޮޕް" ކާމިޔާބުކަމާއެކު މިއަދު ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން (ސީސީއޭސީ) އަދި ނެކްސިއާ މޯލްޑިވްސް ގުޅިގެން މެންހަޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ގޭބިސީތަކުގައި ހަކަތަ އިގްތިސާދުކުރުމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާއިން ފާހަގަކުރެވުނު މުހިންމު ކަންކަމާއި، ހުށަހަޅާފައިވާ ލަފާތައް ކަމާބެހޭ ފަރާތްތަކާ އެކު މުރާޖައާކޮށް މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ދާއިރާގެ އެކި ސްޓޭކްހޯލްޑަރުން ބައިވެރިވެ، ދިރާސާގެ ހޯދުންތަކާ މެދު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މި މަސައްކަތުގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދާ "ހަކަތަރި ޕްރޮގްރާމް" އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެއިތުރުން، ހަކަތަ އިގްތިސާދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރާއްޖޭގައި ހަކަތަ މަދުން ބޭނުންކުރާ، ތިމާވެއްޓާ ރައްޓެހި ގޭތެރޭގެ އިލެކްޓްރިކް އާލާތްތައް ބޭނުންކުރުން އިތުރުކުރުމަށް މި ދިރާސާގެ ހޯދުންތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
