ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފި
ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026 ގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު މުހިންމު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފިއެވެ.

މި ފޯރަމްގައި ޑރ. މުޢާވިޔަތު ދެއްވި ޕްރެޒެންޓޭޝަން މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެކަށައަޅާފައިވާ ސްޓްރެޓީޖިކް މަގުޗާޓަށެވެ.
މީގެއިތުރުން، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، އެކަންކަން ތަންފީޒުކުރުމަށް ރޭވިފައިވާ އުސޫލުތަކާއި ނިޒާމުތަކުގެ ތަފުސީލު ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.
މި ފޯރަމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްޤީގެ މުހިންމު ދާއިރާތަކަށް، ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.
