ހިއްމަފުށީގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، ކ. ހިއްމަފުށީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ހިއްމަފުށީ ކައުންސިލާއި ކަމާބެހޭ ފަރާތްތައް ގުޅިގެން އެ ރަށުގައި ބޭއްވި މި ހަރަކާތަކީ، ރަށް ފެހިކުރުމަށާއި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ހިޔާ ލިބޭ ބޮޑެތި ގަހާއި، މާ އަޅާ ގަސްތައް ވަނީ އިންދާފައެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ފެހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގަސް އިންދުމުގެ ހަރަކާތްތައް ދަނީ މެދުކެނޑުމެއްނެތި ބާއްވަމުންނެވެ.

ހިއްމަފުށީގައި ބޭއްވުނު މި ހަރަކާތުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ އިސްވެރިން،ކައުންސިލްގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ޒުވާނުން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ. ރަށުގެ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން ރަށުގެ ފެހިކަން އިތުރުވެ، ރަށުގެ ތިމާވެއްޓަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި އިންދި ގަސްތައް ބަލަހައްޓައި ހެދިބޮޑުވަންދެން ފެންދީ ފަރުވާތެރިކަމާއެކު ރައްކާތެރިކުރުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
