ނާސަރީ މެނޭޖްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ އޮރިއެންޓޭޝަން ޗައިނާގައި ބާއްވައިފި
ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ނާސަރީތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ "ނާސަރީ މެނޭޖްމަންޓް ޕްރެޕަރޭޓަރީ ޕްރޮގްރާމް" ގެ ފުރަތަމަ ބައިވެރިންނަށް އަމާޒުކޮށްގެން ބާއްވާ އޮރިއެންޓޭޝަން ސެޝަން މިއަދު ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްގަހާގެހި އާލާކޮށް، ތިމާވެށި ފެހިކުރުމަށާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގާއިމުކުރާ ނާސަރީތައް ހިންގާ ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ތަމްރީނެކެވެ. މި ތަމްރީނުގެ ފުރަތަމަ ބުރުގައި ބައިވެރިވަނީ ރާއްޖެއިން ހޮވާލެވުނު 10 ބައިވެރިންނެވެ.
މިއަދު ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބޭއްވުނު މި އޮރިއެންޓޭޝަން ސެޝަނުގައި، ތަމްރީނު ކުރިއަށްދާނެ ގޮތުގެ ތަފުސީލުތަކާއި، ނާސަރީތައް ޒަމާނީ ފެންވަރަށް މެނޭޖްކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރާ ނާސަރީތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި ހުނަރު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖެ ފެހިކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފަށްޓަވާފައިވާއިރު، މިފަދަ ތަމްރީނުތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ބާރެކެވެ.
