އެންޓިބަޔޮޓިކް ކުނި ރައްކާތެރިކަމާއެކު ނައްތާލުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގައި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ބެލެހެއްޓުމަށްޓަކައި މުއައްސަސާތައް ހަރުދަނާކޮށް، ގާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، އެންޓިބަޔޮޓިކް ކުނި ރައްކާތެރިކަމާއެކު ނައްތާލުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި 14 މުއައްސަސާއަކުން 21 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އެންޓިބަޔޮޓިކް ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، މިފަދަ ކުނި ރައްކާތެރި ގޮތުގައި ބެލެހެއްޓުމާއި ނައްތާލުމުގެ ދާއިރާއިން ކަމާބެހޭ އިދާރާތަކުގެ ފަންނީ ޤާބިލުކަން ހަރުދަނާކުރުމެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޡާމް ވަނީ، ކެމިކަލާއި ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށްޓަކައި ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ކުނި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޤާއިމުކުރެވިފައިވާ އުޞޫލުތަކާއި އިޖުރާއާތުތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ސަބަބުން އެންޓިބަޔޮޓިކްގެ ބާވަތްތަކުގެ ކުނި ނައްތާލުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެވި، ތިމާވެއްޓަށާއި ޢާންމު ޞިއްޙަތަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކުނި މެނޭޖްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
