logo
banner image

ކޮޕް17 ގައި ދިވެހިރާއްޖެއިން ދުނިޔޭގެ ދިރުންތަކުގެ ނިޒާމު ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފި

ކޮޕް17 (COP17) ގެ ހަވާސާގައި ބޭއްވުނު "އެން.ބީ.އެސް.އޭ.ޕީ އެކްސެލެރޭޓަރ ޕާޓްނަރޝިޕް" ގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު ތަޤުރީރު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒު ވަނީ، "ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް" (KMGBF) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މީގެއިތުރުން، ޤައުމުތަކުން އިސްނަގައިގެން ދިރުންތަކުގެ ނިޒާމު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، އިތުބާރުހުރި މާލީ އެހީތެރިކަން ކަށަވަރުވުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) މިފަދަ އެހީތެރިކަމުގެ އިތުރުން، ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކުރުމާއި، ފަންނީ އެއްބާރުލުން ފުޅާ ދާއިރާއެއްގައި ބޭނުންވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ ތިމާވެއްޓާއި ދިރުންތަކުގެ ނިޒާމު ރައްކާތެރިކުރުމަށް ޤައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތައް އަވަހަށް ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ތިމާވެށީގެ މިފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އަޑުއުފުލައި، އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންނެވެ.