ތިމާވެށީގެ ނިޒާމުތައް މެޕްކުރުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ
އަރުމީނިއާގެ ޔެރެވަންގައި މިހާރު ކުރިއަށްދާ ކޮޕް17 (COP17) ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ހަރަކާތެއްގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.
2026 އޮކްޓޫބަރު 27 ގައި ބޭއްވުނު "ފްރޮމް ދަ ގްލޯބަލް ރިވިއު ޓު ނޭޝަނަލް އެކްޝަން: ކްލޯޒިންގ ދަ އީކޯސިސްޓަމް މެޕިންގ ގެޕް ވިތު ދަ ގްލޯބަލް އީކޯސިސްޓަމްސް އެޓްލަސް" ނަމަކަށް ކިޔާ މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، ގައުމީ ފެންވަރުގައި ދިރޭތަކެތީގެ ނަސްލުތައް ބަލައި މޮނިޓަރކުރުމާއި، އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެކުލަވާލާފައިވާ "ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް" (KMGBF) ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، އީކޯސިސްޓަމްތައް މެޕްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ މުއްސަނދި އީކޯސިސްޓަމްތައް މެޕްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށާއި، ގައުމީ ފެންވަރުގައި އެފަދަ ނިޒާމުތައް މޮނިޓަރކުރެވޭނެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ އަމާޒުތަކުގެ ތަފްސީލު ސްޓޭޓް މިނިސްޓަރ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު ވަނީ، ތިމާވެށީގެ ނިޒާމުތައް ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މި މުހިންމު އިސްނެގުމުގެ ދެވަނަ މަރުހަލާގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ތަރައްގީގެ ބައިވެރިންނަށާއި މާލީ އިދާރާތަކަށް ދައުވަތު އަރުވާފައެވެ.
