" ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން އެމްއެފްއެލްސީ އަށް ލިބިއްޖެ: މިއީ ރާއްޖެއަށް ލިބުނު ފުރަތަމަ ފުރުސަތު
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ގެ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެކްރެޑިޓޭޝަން ލިބުމާ ގުޅިގެން، ކަމާބެހޭ ވުޒާރާއިން އެ ކުންފުންޏަށް މަރުހަބާ ދަންނަވައިފިއެވެ. މި ކާމިޔާބީ އެ ކުންފުންޏަށް ލިބިފައި މިވަނީ އެ ކުންފުނީގެ ޚިދުމަތަށް 25 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅުގައެވެ.
ޖީސީއެފްގެ ބޯޑުން އެމްއެފްއެލްސީގެ އެކްރެޑިޓޭޝަން އެޕްލިކޭޝަން ފާސްކޮށްދިނުމާ ގުޅިގެން، އެ ކުންފުނި ވެގެން ގޮސްފައިވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑަކުން ރާއްޖެއަށް ސީދާ އެހީ ހޯދުމުގެ ފުރުސަތު (ޑައިރެކްޓް އެކްސެސް) ލިބުނު ރާއްޖޭގެ އެންމެ ފުރަތަމަ އިދާރާއަށެވެ. މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ރާއްޖެއަށް ލިބިގެންދިޔަ ތާރީޚީ ކުރިއެރުމެކެވެ.
މި ކާމިޔާބީއާ ގުޅިގެން ވުޒާރާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ކަންކަމަށް ޚާއްސަ މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް އެމްއެފްއެލްސީއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ.
އެމްއެފްއެލްސީގެ މި ފިޔަވަޅުގެ ސަބަބުން، ބައިނަލްއަގުވާމީ އެހީދޭ އެހެން ފަރާތްތަކެއް މެދުވެރިނުކޮށް، ސީދާ ޖީސީއެފް އިން ރާއްޖެއަށް މާލީ އެހީތެރިކަން ލިބި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޮޑު މަގެއް ފަހިވެގެންދާނެއެވެ.
