logo
banner image

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން، ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު، ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށް ފަހުމުނާމާއެއް (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 28 އޮކްޓޫބަރު 2026 ގައި ރާއްޖޭގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. މިގޮތުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާން އިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުޞަތުތައް ހޯދުމަށެވެ. މީގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.