logo
banner image

ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް އީޖާދީ ޙައްލުތަކުގެ މުހިންމުކަން

އީކޯ އޭޝިއާ ކޮންފަރެންސް 2026 ގެ ތެރެއިން ކުރިއަށްދިޔަ ސަރުކާރުތަކުގެ ސެޝަންގެ ޕެނަލް މަޝްވަރާގައި، "ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އާއި އައު އީޖާދުތައް: ސިލްކް ރޯޑްގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އެންމެނަށް ލިބިދޭ ތަނަވަސްކަން ކުރިއެރުވުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް އައިޝަތު އިނާޔާ ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށް އީޖާދީ ޙައްލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިނާޔާ ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި، އެ ޤައުމުތަކުގެ ދިރުންތަކުގެ މުއްސަނދިކަން ރައްކާތެރިކުރުމަށާއި، އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށްޓަކައި، އައު އީޖާދީ، އަގުހެޔޮ އަދި އެ ޤައުމުތަކުގެ މާޙައުލާ ގުޅޭ ޙައްލުތަކަކީ ކޮންމެހެން ބޭނުންތެރި ކަންތައްތަކެއް ކަމަށެވެ. މީގެ ސަބަބުން މިފަދަ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހަރުދަނާ ހައްލުތަކެއް ލިބި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސް އިން ބޭނުންކުރާ ސިލްކް ރޯޑްގެ ތީމް އަކީވެސް މުސްތަޤްބަލުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް މުހިންމު ދޮރެއް ހުޅުވާލާނެ ކަމެއްކަން މިނިސްޓަރ އިނާޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ މުހިންމުކަން ފާހަގަކޮށް، ޤައުމުތަކުން އެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން މި މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.