ކޯޕް17 ގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން ސްޓޭޓް މިނިސްޓަރު ފާއިޒު އިއްވައިފި
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒު، ސީ.އޯ.ޕީ 17 (COP17) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވައިފިއެވެ. މި ބައްދަލުވުމަކީ ދިރުންތަކުގެ މުއްސަނދިކަން ރައްކާތެރިކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ.

ސްޓޭޓް މިނިސްޓަރ ފާއިޒު އިއްވެވި ބަޔާނުގައި، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް (KMGBF) ގެ ލަނޑުދަނޑިތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރުކޮށްދެއްވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި 'ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން' (NBSAP) މުރާޖައާކުރުމާއި، 'އޯ.އީ.ސީ.އެމް' (OECMs) ބަލައިގަތުމުގެ އިތުރުން، ގައުމީ '3030'x ރޯޑްމެޕްގެ މަސައްކަތްތައް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާހައުލާއި ދިރުންތައް ރައްކާތެރިކުރުމަށް ގަދަފަދަ އަޒުމެއް ކަނޑައަޅާފައިވާކަން ހާމަވެގެންދެއެވެ.
މީގެ އިތުރުން، ބަޔާނުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (SIDS) ކުރިމަތިވެފައިވާ ހާއްސަ ނާޒުކު ހާލަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. ކުދި ޖަޒީރާ ގައުމުތަކަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެކެވެ. ދިރުންތަކުގެ މުއްސަނދިކަން ނެތިދިއުން ހުއްޓުވުމަށާއި، 2030 ވަނަ އަހަރާ ހަމައަށް އެކަން އިއާދަކުރުމަށްޓަކައި، ބޭނުންވާ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް، ވަގުތުން ވަގުތަށް އަދި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މިއީ 2050 ވަނަ އަހަރާ ހަމައަށް ތިމާވެއްޓާއި ގުދުރަތީ ދިރުންތަކާ އެކުވެރި މާހައުލެއްގައި ދިރިއުޅުމުގެ ތަސައްވުރު ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް ބަޔާނުގައި ފާއިޒު ވިދާޅުވިއެވެ. މިފަދަ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ އަޑު އުފުލުމަކީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.
