އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޓީމު އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައިފި
މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެ މަޝްރޫޢުގެ ޓީމުން މިއަދު ވަނީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފި އެވެ.
އެލައިޑް އިންޝުއަރެންސްގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައި، މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އިޙްތިރާމް އަދާކުރުމުގެ މަޝްރޫޢު ޕްރޮމޯޓްކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި މިވުޒާރާއާއި ގުޅިގެން ކޮންޓެންޓް އުފެއްދިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޝްރޫޢާ ބެހޭގޮތުން ކުރިއަށްގެންދާ މުވައްޒަފުން އަހުލުވެރިކުރުމުގެ ސެޝަން ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދެކެވުނެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކޮށް، މި ޚާއްސަ ޤައުމީ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، ވުޒާރާގެ މަޝްރޫޢުގެ ޓީމު، މަޝްރޫޢު ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކާއި އެކު ދަނީ ބައްދަލު ކުރައްވަމުންނެވެ.
