ސީ.ބީ.ޑީ. ކޮޕް17 ގައި ދިވެހިރާއްޖޭގެ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކާ ބެހޭ ތަޖުރިބާ ހިއްސާކުރައްވައިފި
ސީ.ބީ.ޑީ. ކޮޕް17 ގައި ބޭއްވުނު ޓާގެޓް 3 އެކްޝަން ދުވަހަށްފަހު ބޭއްވުނު ހައި އެމްބިޝަން ކޯލިޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްސް ރިސެޕްޝަންގައި، ދިވެހިރާއްޖޭގެ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކާބެހޭ މެނޭޖްމަންޓް އެނަލިސްޓް އައިޝަތު އަމަލް ވަނީ، ރެޕިޑް ޑިޕްލޮއިމަންޓް މެކޭނިޒަމް (އާރް.ޑީ.އެމް) ގެ ފުރަތަމަ ދައުރުގެ އެހީ ލިބުނު ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަޖުރިބާތައް ހިއްސާކުރައްވާފައެވެ.

މި އާރް.ޑީ.އެމް އެހީގެ ދަށުން ދިވެހިރާއްޖޭގެ 30×30 ރޯޑްމެޕް ތައްޔާރުކޮށް، އެ ރޯޑްމެޕް ދިރާސާކޮށް ކަށަވަރުކުރުމަށް އެހީތެރިކަން ލިބިފައިވެއެވެ. މި ރޯޑްމެޕްގެ މަޤްސަދަކީ، ރައްކާތެރިކުރެވިފައިވާ އަދި ރައްކާތެރިކުރެވިދާނެ ސަރަހައްދުތަކުގެ ނެޓްވޯކެއް ގާއިމުކޮށް، އެ ސަރަހައްދުތައް ހެޔޮގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި، ގައުމީ ފެންވަރުގައި ތަރުތީބުކުރެވިފައިވާ މަގެއް ކަނޑައެޅުމެވެ.
މި ބިންގަލުގެ މަތީގައި ބިނާކޮށް، ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކާ ގުޅުންހުރި އެންމެހާ މަސައްކަތްތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކެމްޕޭންތައް ހިންގުމަށާއި، އާންމުންގެ ބައިވެރިވުން ވަރުގަދަ ކުރުމަށް ދިވެހިރާއްޖެއިން ވަނީ ރާވާފައެވެ. މިގޮތުން ރައްކާތެރިކުރެވޭ ސަރަހައްދުތަކުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދީ، އެ މަސައްކަތްތަކުގައި އެބައިމީހުންގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ދުރުރާސްތާ މަޤްސަދެކެވެ.
