ޖީ.ސީ.އެފް ބޯޑުގެ 46 ވަނަ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ވަކާލާތުކުރައްވައިފި
ޖީ.ސީ.އެފް ބޯޑުގެ 46 ވަނަ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ވަކާލާތުކުރައްވައިފި
ދެކުނު ކޮރެއާގެ ސޮންގްދޯގައި މިހާރު ކުރިއަށްދާ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ބޯޑުގެ 46 ވަނަ ބައްދަލުވުމުގައި، ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް) ތަމްސީލުކޮށް، އެ ޤައުމުތަކުގެ ފަރާތުން ވަކާލާތުކުރެއްވުމަށް ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ޖީ.ސީ.އެފްގެ ދެން އަންނަ ފަންޑު ހޯދުމުގެ ދައުރުގެ ކުރިން، ފަންޑުގެ ކުރިމަގު ކަނޑައެޅުމަށް އެހީތެރިވެދޭނެ މުހިންމު ނިންމުންތަކެއް ބޯޑުން ނިންމާނެ މުހިންމު ދަނޑިވަޅެއްގައި ބާއްވާ ބައްދަލުވުމެކެވެ. ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށް، އެ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.
މީގެ އިތުރުން، ޑިރެކްޓަރ އައިޝަތު އައިލީން ނިޔާޒް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ސިޑްސްގެ ގޮނޑިއަށް އެޑްވައިޒަރެއްގެ ގޮތުގައެވެ. މި ބައްދަލުވުމުގެ ސަބަބުން ސިޑްސް ޤައުމުތަކަށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފައިނޭންސީ ވަސީލަތްތައް ހޯދުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް ލަފާކުރެވެއެވެ.
