ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ފުރާވަޑައިގަންނަވައިފި
އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގަންނަވައިފިއެވެ.
އޮކްޓޫބަރު މަހުގެ 27 އިން 29 އަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ވަޒީރު ހީނާ ވަލީދު ފުރާވަޑައިގެންނެވީ ރޭގައެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބަލް ހީނާ ވަލީދު ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 އިން 29 އަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހެވެ. މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.
މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާނެއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.
"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ.
މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
