logo
banner image

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކޮށް، އެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި އެ މަޝްރޫޢުގެ ޓީމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް ޚާއްޞަ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް (އޭއެސްޕީ) އިސްމާޢީލް ނަޞީރު ވިދާޅުވީ، މުޖުތަމަޢުގައި އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް އެކުލަވާލައި، އެ މަޝްރޫޢު ފަށައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަރަށް ވަރުގަދަ އަދި މުހިންމު ނިންމެވުމެއް ކަމަށެވެ.