ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026: މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސްޓޭޓް މިނިސްޓަރު މިމްރާހު ގޮވާލައްވައިފި
ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އިބްރާހީމް މިމްރާހު ތަޤުރީރު ކުރައްވައިފިއެވެ.
އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ "ފްރޮމް އެމްބިޝަން ޓު ބޭންކަބަލް އެކްޝަން - މޮބިލައިޒިންގ ގްރީން އިންވެސްޓްމަންޓްސް ފޯ އަ ރެޒިލިއަންޓް އެންޑް އިންކްލޫސިވް ގްލޯބަލް އިކޮނޮމީ" މި މައުޟޫޢަށް ބޭއްވި ހާއްސަ ހަވާސާ އިވެންޓުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ވަނީ އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށާއި، އަދި ނާޒުކު ޖަޒީރާ މުޖުތަމަޢުތަކުގެ ދިރިއުޅުން ފާގަތިކުރުމަށްޓަކައި ހިތްވަރުގަދަ މޫސުމީ އިންވެސްޓްމަންޓްތަކެއް ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ސަމިޓުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ފެހި އިޤްތިޞާދަކަށް ވާސިލުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ އަޑު އުފުލައި، އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައެވެ.
