ކުޅުދުއްފުށީގެ ފެންހިންދުމުގެ ނިޒާމާއި ކަނޑޫފާ ހިމާޔަތްކުރުމާ ގުޅޭގޮތުން ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ހދ. ކުޅުދުއްފުށީގެ ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށާއި އެ ރަށުގެ ކަނޑޫފާ ސަރަޙައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން ރަށުގެ މުޖުތަމައުއާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުންނެވެ.

ޖީ.ޑަބްލިޔު.ޕީ ކޮންސަލްޓަންޓްސް އަދި ވޯޓަރ ސޮލިއުޝަންސްގެ ފަންނީ އެހީތެރިކަމާއެކު ބޭއްވުނު މި ބައްދަލުވުމުގައި، ކުޅުދުއްފުށީގެ ރައްޔިތުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ބައިވެރިވެ، މަޝްރޫޢާ ގުޅޭގޮތުން އަގުހުރި ޚިޔާލުތަކަކާއި މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަރުމާކުރެވޭ ފެންހިންދުމުގެ ނިޒާމުގެ ކޮންސެޕްޓްތަކަށް، ރަށުގެ ހާލަތާއި ބޭނުންތަކަށް ރިޢާޔަތްކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމެވެ. މީގެއިތުރުން، ރަށުގެ ތިމާވެށްޓާއި ގުދުރަތީ މާހައުލުގެ މުހިންމު ބައެއް ކަމުގައިވާ ކުޅުދުއްފުށީ ކަނޑޫފާ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި އެ ސަރަޙައްދު އިއާދަކުރުމުގެ މަޝްރޫޢު އެކުލަވާލުމަށް ބޭނުންވާ ދެމެހެއްޓެނިވި އަދި އަމަލީ ގޮތުން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި ބައްދަލުވުމުގެ ތެރެއިން ވަނީ ދެނެގަނެވިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވެފައިވާ، ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، މިފަދަ މަޝްރޫޢުތައް ފަރުމާކުރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއަކީ ކޮންމެހެން ބޭނުންތެރި އަދި ނުހަނު މުހިންމު ކަމެއްކަން މި ބައްދަލުވުމުގެ ތެރެއިން ވަނީ ފާހަގަކޮށްފައެވެ.
