logo
banner image

ސަދަން އޭރިއާ ކޮމާންޑުން، މަރަދޫ ސްކޫލުގެ ސްކައުޓުންނަށް ޚާއްޞަ އައުޓްޑޯ ހަރަކާތެއް ބާއްވައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ޕްރީ-ކަބް އަދި ކަބް ސްކައުޓުންނަށް އަމާޒުކޮށްގެން ޚާއްޞަ އައުޓްޑޯ ހަރަކާތެއް ބާއްވައިފިއެވެ.

އޮކްޓޫބަރު 20ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސްކައުޓުންގެ ޢަމަލީ ތަޖުރިބާއާއި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހުނަރު (ސެލްފް ކޮންފިޑެންސް) ތަރައްޤީކުރުން، އެކުވެރި އަދި އުފާވެރި މާހައުލެއްގައި އުނގަންނައިދިނުމެވެ.

ޖުމްލަ 77 ޕްރީ-ކަބް އަދި ކަބް ސްކައުޓުންނާއި 18 މުދައްރިސުން ބައިވެރިވި މި ހަރަކާތުގައި ޓްރެކިންގ ސައިޓެއް ބަލާލުމާއި، ޓްރެކިންގ ސައިންތައް އަދި ނޮޓިންގ ދަސްކުރުމުގެ އިތުރުން ތަފާތު ކުޅިވަރުތަކާއި އޮބްސްޓިކަލް ކޯސްތައް ވަނީ ފުރިހަމަކޮށްފައެވެ. މީގެއިތުރުން، ޓީމު ގުޅުން ވަރުގަދަކުރުމަށާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް މަގުފަހިކުރާ އިވެންޓްތަކުގެ އިތުރުން ވަކިވަކި ކުދިންގެ ހުނަރު އިތުރުކުރުމަށް ބޭއްވުނު އިންޑިވިޖުއަލް އިވެންޓްތައް ވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.

މި ހަރަކާތަކީ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދިޔަ ހަރަކާތެއްކަން ފާހަގަކުރައްވައި، މަރަދޫ ސްކޫލުގެ ސްކައުޓް ލީޑަރުންނާއި މުދައްރިސުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެންމެހައި ސިފައިން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.