ކުޅުދުއްފުށީގެ ކުޅި އިޔާދަކުރުމާއި ފެންބޮޑުވުން ހައްލުކުރުމާ ގުޅޭ ދިރާސާގެ ހޯދުންތައް ސިޓީ ކައުންސިލާ ހިއްސާކޮށްފި
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރު.އެފް.އެސް) މަޝްރޫޢުގެ ދަށުން، ހދ. ކުޅުދުއްފުށީގެ ކުޅިއާއި ބިމުގެ ފެނުގެ ނިޒާމާ ގުޅޭގޮތުން ހަދާފައިވާ ހައިޑްރޮލޮޖީ މޮޑެލިންގ ދިރާސާގެ މުހިންމު ހޯދުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލާ ހިއްސާކޮށްފިއެވެ.

މި ބައްދަލުވުމަކީ މަޝްރޫޢުގެ ކަމާގުޅޭ ފަރާތްތަކާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އީ.ސީ.އާރު.އެފް.އެސް ޓީމުގެ އިތުރުން މި ދިރާސާ ހެދުމުގައި ހަރަކާތްތެރިވި ކޮންސަލްޓެންސީ ފަރމްތައް ކަމަށްވާ ޖީ.ޑަބްލިއު.ޕީ އަދި ވޯޓަރ ސޮލިއުޝަންސް (ޑަބްލިއު.އެސް މޯލްޑިވްސް) ގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށްޓަކައި ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރަށުގެ ކުޅި އަލުން އިޔާދަކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓްތަކުގެ މައްޗަށެވެ. އަދި ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ނުވާނޭހެން މިކަންކަން ތަންފީޒުކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި ދިރާސާއިން ދެއްކި ހޯދުންތަކަށް މަރުޙަބާ ކިޔައި، ހުށަހެޅިފައިވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ބޭނުންވާ މުހިންމު ޚިޔާލުތަކާއި މަޝްވަރާތައް ދީފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ އިސްކަންދޭ ކަންކަމާއި، ރަށުގެ ޙަޤީޤީ ބޭނުންތަކަށް ރިއާޔަތްކޮށްގެންނެވެ.
އީ.ސީ.އާރު.އެފް.އެސް މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ އެކި ގެއްލުންތަކުން ރަށްރަށް ސަލާމަތްކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައިދިނުމެވެ. އެގޮތުން ކުޅުދުއްފުށީގައި މި ކުރިއަށްގެންދެވޭ މަސައްކަތްތަކަކީ އެ ރަށުގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
