ކުޅުދުއްފުށީގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފި
ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުން، އެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށާއި ކަނޑޫފާ ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ޖީ.ޑަބްލިއު.ޕީ ކޮންސަލްޓަންޓްސް އަދި ވޯޓަރ އެންޑް ސޭންޑް މެނޭޖްމަންޓް (WSM) ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި، އެ ރަށުގެ އެކި މުއައްސަސާތަކުގެ ފަންނީ މާހިރުންނާއި ރަށުގެ ޙާލަތު އެންމެ ރަނގަޅަށް ދަންނަ ފަރާތްތަކުން ވަނީ ބައިވެރިވެ، އެބޭފުޅުންގެ ޢިލްމީ އަދި ޢަމަލީ ތަޖުރިބާތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ރަށު ފެންވަރުގައި ޚިދުމަތްދޭ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީ، ސިޓީ ކައުންސިލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަދި އެސް.ޓީ.އޯ ފަދަ އިދާރާތައް ހިމެނެއެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީގައި މިހާރު ޤާއިމުކޮށްފައިވާ ފެންހިންދާ ނިޒާމުގެ ޙާލަތަށާއި، އެ ނިޒާމު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި ރަށުގެ ފެންހިންދުމުގެ ސްޓްރެޓެޖީ އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހުށަހެޅިއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅޭގޮތުން ހަދާފައިވާ ސައިންޓިފިކް ދިރާސާތަކާއި މޮޑެލިންގ ނަތީޖާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި މަޝްވަރާތަކުން ލިބުނު މަޢުލޫމާތާއި ޚިޔާލުތަކަކީ، ކުޅުދުއްފުށީގެ ޤުދުރަތީ އަދި އިޖުތިމާޢީ ޙާލަތަށް އެންމެ އެކަށޭނަ ގޮތަށް މި މަޝްރޫޢުގެ ފައިނަލް ޑިޒައިން އެކުލަވާލުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފެންހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުޅުދުއްފުށީގެ މުހިންމު ތިމާވެށީގެ ވަސީލަތެއް ކަމަށްވާ ކަނޑޫފާ ފަދަ ނިޒާމުތައް ރައްކާތެރިކުރުމެވެ. އަދި ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ފެންބޮޑުވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ރަށުގެ ވިލުންވެރިކަން (ރެޒިލިއަންސް) އިތުރުކުރުމެވެ.
