ކުޅި ހިމާޔަތްކުރުމާއި ފެން ހިންދާ ނިޒާމާ ގުޅޭގޮތުން ކުޅުދުއްފުށީގެ ކަނބަލުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްތެރިކަން އިތުރުކުރުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢު (އީ.ސީ.އާރް.އެފް.އެސް) ގެ ދަށުން، ހދ. ކުޅުދުއްފުށީގެ ކުޅި ފާ ނިޒާމު ހިމާޔަތްކުރުމަށާއި ފެން ހިންދާ ނިޒާމު ބެލެހެއްޓުމާ ގުޅޭގޮތުން އެ ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ޖީ.ޑަބްލިއު.ޕީ (GWP) ކޮންސަލްޓަންޓްސް އަދި ވޯޓާ ސޮލިއުޝަންސް މޯލްޑިވްސްއިން އިސްނަގައިގެން، ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީގެ ކުޅިއާއި، އެ ސަރަހައްދުގައި އާންމުކޮށް ހިނގާ އެކި ހަރަކާތްތަކާ ގުޅޭގޮތުންނާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުޅި ހިމާޔަތްކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
މީގެ އިތުރުން، މިފަދަ ހިމާޔަތުގެ މަސައްކަތްތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި، ރަށުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު ބައިވެރިންގެ މުހިންމު ޚިޔާލުތައް ވަނީ ހޯދާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ކަނބަލުން ވަނީ އެކަނބަލުންގެ ދުވަހީ ތަޖުރިބާތަކުގެ އަލީގައި އަގުހުރި މަޢުލޫމާތުތަކާއި ޚިޔާލުތައް ހިއްސާކޮށްފައެވެ. މިގޮތުން ލިބުނު މަޢުލޫމާތުތަކުގެ އެހީގައި، ކުޅުދުއްފުށި ސިޓީގެ ކުޅި ހިމާޔަތްކުރުމަށާއި، ފެން ހިންދާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި އެކުލަވާލެވޭ މަޝްރޫޢުގެ ފަރުމާތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މަޢުލޫމާތުދެއެވެ.
