ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި.
މި މަހުގެ 16 އިން 20 އަށް ވަޒީރު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ އެ ޤައުމުގެ ފަންނާއި، ސަގާފަތާއި ތަރިކައާބެހޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން “އެލަޔަންސް ފޯރ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ތަޤްރީރުކުރައްވައި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުޙިއްމުކަމާއި، އެކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
ޗައިނާގެ ނޭޝަނަލް ކަލްޗަރަލް ހެރިޓޭޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މިސްޓަރ ކިއާއޯ ޔުންފެއި އާއެކު ބޭއްވި ބައްދަލުވުމުގައި، ދާރުލްއާސާރުތައް ތަރައްޤީކުރުމާއި، ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ސަގާފީ މުއާމަލާތްތައް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި ހަމައެއާއެކު، އިކްރޮމްގެ ޑިރެކްޓަރ ޖެނެރަލް އަރޫނާ ގުޖްރާލްއާ ބައްދަލުކުރައްވައި، ޒުވާނުން ތަމްރީނުކުރުމާއި، ދާރުލްއާސާރުތައް ބެލެހެއްޓުމާއި، އުފެއްދުންތެރި އިޤްތިޞާދެއްގައި ތަރިކައިގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. އަދި 'އަލިފް' ޖަމިއްޔާގެ އެގްޒެކްޓިވް ޑައިރެކްޓަރ ވަލޭރީ ފްރޭލަންޑާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުން ތަރިކަ ރައްކާތެރިކުރުމަށާއި، ދާރުލްއާސާރުތަކާއި ކުތުބުޚާނާތަކުގެ މަސައްކަތްތައް ސުމޭކު ކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީރު ހީނާ ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ "ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ" އާއި، "ޒެޖިއަންގް ލައިބްރަރީ" ގެ އިތުރުން "ޗައިނާ ނޭޝަނަލް ސިލްކް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު މާލެ ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.
