ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމާއި ފެންބޮޑުވުން ހައްލުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށައިފި
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރް.އެފް.އެސް) މަޝްރޫޢުގެ ދަށުން، ހދ. ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމަށާއި ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި ޤާއިމުކުރެވިފައިވާ ފެންހިންދާ ވަސީލަތްތަކާއި، އެ ތަކެތީގެ މަސައްކަތްތަކާ ގުޅޭ ޢިލްމީ ދިރާސާތަކުގެ ހޯދުންތަކާއި، މޮޑެލިންގ ނަތީޖާތަކުގެ އިތުރުން ރަށުގެ ފެންހިންދުމުގެ ސްޓްރެޓެޖީއާ ބެހޭ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާ ޙިއްޞާކޮށް ޚިޔާލު ބަދަލުކުރުމެވެ.
މި މަޝްވަރާތަކުން ލިބޭ މަޢުލޫމާތާއި ޚިޔާލުތަކުގެ އެހީގައި، ފެންހިންދުމުގެ ނިޒާމުގެ އެންމެ ފަހުގެ ޑިޒައިންތައް ފުރިހަމަކުރުމަށާއި، ރޭވިފައިވާ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ޙައްލެއް ލިބި، މޫސުމީ ވިލުންވެރިކަން އިތުރުވެގެންދާނެއެވެ.
މީގެއިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން (ނޭޗަރ-ބޭސްޑް ސޮލިއުޝަންސް) ތިމާވެއްޓާ ރައްޓެހި ގޮތްތައް ދެނެގަނެ، އެކަންކަން ތަންފީޛުކުރުމަށް މި މަޝްރޫޢުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
