logo
banner image
ޚާރިޖީ ވުޒާރާ

ޖެނީވާގައި ކުރިއަށްދިޔަ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަން ނިމިއްޖެ

ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 63 ވަނަ ބައްދަލުވުން މިއަދު ވަނީ ނިމިފައެވެ.

މި ބައްދަލުވުމުގައި 34 ޤަރާރަކާއި، 2 ނިންމުމާއި، 1 ރިޔާސީ ބަޔާން ފާސްކުރެވުނެވެ. އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި ސެޝަންގައިވެސް ދިވެހިރާއްޖޭގެ ވަފްދުން ވަނީ ސަރުކާރުން އިސްކަންދޭ ކަންތައްތަކާ ގުޅޭގޮތުން ތަގްރީރުކޮށް ކައުންސިލަށް ހުށަހެޅި އެތައް ޤަރާރެއް ކޯ-ސްޕޮންސަރކޮށްފައެވެ.

އޭގެ ތެރޭގައި، ދިވެހިރާއްޖެ ހިމެނޭ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ ޖޮއިންޓް ސްޓޭޓްމަންޓް ތަކާއި ޤަރާރުތައް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށްފައެވެ. ހަމައެއާއެކު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ދިވެހިރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، އެ ކަމުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ޖޮއިންޓް ސްޓޭޓްމަންޓް އެއް ދީފައެވެ. އަދި ޒުވާނުންނާއި އިންސާނީ ޙައްޤުތަކާއި، ކުޑަކުދިންނަށް ދުޅަހެޔޮ ކާނާ ލިބޭނެ އިންތިޒާމު ފޯރުކޮށްދިނުމާއި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާބެހޭ ޤަރާރުތައްވެސް ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަޑުއުފުލަމުންދާ މުހިންމު ކަންކަމަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ދިވެހި ވަފުދުން ވަނީ އަރުވާފައެވެ.

މި ސެޝަންގައި ރާއްޖެއިން ވަނީ ކޮސްޓަރިކާ، މޮރޮކޯ، ސްލޮވީނިއާ އަދި ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއްގެ އިންސާނީ ހައްޤާއިބެހޭ އ.ދ.ގެ ސްޕެޝަލް ރެޕަޓުއަރ އާ ގުޅިގެން، އިންސާނީ ޙައްޤުތަކާއިބެހޭ މަޖިލީހުގެ ގަރާރު ނަންބަރު 48/13 އަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ސައިޑްއިވެންޓެއް ބާއްވާފައެވެ. މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ކުރާ ނެދެވޭ އަސަރާއިބެހޭ ގަރާރުގެ ކޯ ގްރޫޕުގެ ފަރާތުން ރާއްޖެއިން ވަނީ އިންޓެގްރޭޓެޑް ކޯސްޓަލް ޕްރޮޓެކްޝަން، އާލީ ވޯނިން ސިސްޓަމްސް، އަދި އިންކްލޫސިވް ލޯކަލް އެކްޝަންއާ ބެހޭގޮތުން ސައިޑްއިވެންޓެއް ޑޮމިނިކަން ރިޕަބްލިކާ ގުޅިގެން އިންތިޒާމް ކޮށްފައެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ. އެކަމަނާގެ އަރިހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ކައުންސެލަރ އާދަމް ޙާމިދް، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީންއާއި، އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.