ށ. މިލަންދޫގައި ހަކަތައާއި ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރް.އޭ) ގުޅިގެން، ށ. މިލަންދޫގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަންތަކެއް ބާއްވައިފިއެވެ.

މި އޮކްޓޫބަރު މަހުގެ 14 އަދި 15 ވަނަ ދުވަހު މިލަންދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ "އިޓްސް ކޫލް އެޓް 25" ކެމްޕޭނުގެ ދަށުން، ހަކަތައިގެ ދާއިރާއާއި، ތަފާތު ޔުޓިލިޓީ ޚިދުމަތްތައް އަދި "ހަކަތަރި" ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވުނު ސެޝަންތަކެކެވެ.
މި ސެޝަންތައް ނަންގަވައިދެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އެނާޖީ ޑިޕާޓްމަންޓުގެ އެސިސްޓެންޓް އެނާޖީ އިންޖިނިއަރ ޢަބްދުއްރަޝީދު އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ދާނިޝް އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަކަތަ ޚަރަދުކުޑަ "ހަކަތަރި" ލޭބަލް ޖަހާފައިވާ ކަރަންޓު ސާމާނު ޚިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އާންމު ޔުޓިލިޓީ ޚިދުމަތްތައް ރެގިއުލޭޓްކުރުމާ ގުޅޭ މައުލޫމާތާއި، ދުވަހުން ދުވަހަށް ދިރިއުޅުމުގައި ހަކަތައާއި އެހެނިހެން ވަސީލަތްތައް އިސްރާފުނުކޮށް، ބޭނުންކުރެވިދާނެ ޢަމަލީ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ.
