ރެސްޕެކްޓް ކެމްޕެއިން"ގެ މުހިންމުކަމާ ބެހޭ ގޮތުން މާލީ ވުޒާރާގެ މުވައްޒަފުންނަށް ޚާއްސަ ސެޝަނެއް”
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވުޒާރާގެ ފަރާތުން ވަމުން ގެންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ސެޝަނެއް މާލީ ވުޒާރާއާއެކު އިއްޔެ ވަނީބޭއްވިފައެވެ.
މާލީ ވުޒާރާގެ އިސްވެރިންނަށް ޚާއްޞަކޮށްގެން ބޭއްވުނު މި މަޢުލޫމާތު ސެޝަންގައި މި ޚާއްޞަ ޤައުމީ ކެމްޕެއިނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވައި، މި މަޝްރޫޢުގެ ލަނޑުދަނޑިތަކަށް އަހުލުވެރިކުރުމުގެ މަޢުލޫމާތު ދިނުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.

މިއީ ދިވެހިންގެތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.
މި ކެމްޕެއިން އެކުލަވާލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ އޮފީސްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ވަނީ ދަޢުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ހުޅުވާލައިފައެވެ. މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީއިން މަޢުލޫމާތު ދެއްވައެވެ.
