ރާއްޖޭގެ އެކި ހިސާބުތަކުގައި 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ދަނީ ކުރިއަށް!
މުޅި ރާއްޖޭގައި މިހާރުވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "އަހާ" ޕްރޮގްރާމްގައި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ، މިހާތަނަށް 8 ރަށެއްްގެ އެފްއާރުސީ ސެންޓަރު މިހާރު ނިމި އެތަންތަނަށް ބޭނުންވާ ސާމާނުގަތުމަށް މިހާރުވަނީ އިއުލާންވެސް ކުރެވިފައި ކަމަށެވެ. ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ ސެންޓަރުތައް ހެދުމަށް އަމާޒު ހިފާފަވާއިރު މިހާތަނަށް އެފްއާރުސީ ސެންޓަރުތައް ހަދަން ނުފެށި ހުރި ރަށްތަކުގައިވެސް މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ފެށުމަށް މި ވުޒާރާއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން". ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތައް ކިތަންމެ ގިނަވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.
މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންތަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަޅާނުލެވި އޮތް ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
