logo
banner image

ޗައިނާގެ “އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ތަޤްރީރުކުރައްވައިފި.

މި މަހުގެ 16އިން 20އަށް ޗައިނާގެ ހާންގްޒޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގައި ބާއްވާ “އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވަޒީރު ހީނާ ވަލީދު މިއަދު ތަޤްރީރުކުރައްވައިފިއެވެ.

މިއީ އޭޝިއާގެ ޤައުމުތަކުގެ މެދުގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ މިފަދަ ޖަމިއްޔާއެވެ. ޗައިނާގެ ހާންގްޒޫގައި މިހާރު ކުރިއަށް ދަނީ މި ކައުންސިލްގެ 4 ވަނަ ބައްދަލުވުމެވެ.

މި ކައުންސިލްގައި ތަޤްރީރުކުރައްވަމުން ވަޒީރު ހީނާވަނީ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް، ސަގާފީ ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ގެއްލުން ނޫންކަމަށް ސިފަކުރައްވައި، ޙަގީގީ ގެއްލުމަކީ ޤައުމީ ވަންތަކަމާއި، ޖަމާއީ ހަނދާންތަކާއި، އަލުން ނުހޯދޭނެ ފަދަ މިފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން ކަމުގައި ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ހުރިހައި ޤައުމުތަކަށް ވެސް ތަނަވަސްވުމުގެ މުހިންމުކަމަށް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

"ދިވެހީންގެ މާދަރީ ދިވެހިބަހާއި، އަމިއްލަ އިލްމާއި، އަދި ރާއްޖެ ފަދަ ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭ،" ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރުގެ ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރުގެ ތަޞައްވުރަށް ރިޢާޔަތްކުރައްވާ ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ ޤައުމީ ފިކުރެއްކަމަށް ސިފަކުރައްވައި، މިކަން ޙާސިލްކުރުމަށް އެންމެ އިސްކަމެއް ދެއްވައިގެން ދިވެހީންގެ އަމިއްލަ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ދެއްވާ ޚާއްސަ ސަމާލުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސިޔާސަތުތަކާއި، މުއައްސަސާތަކަށް ގެނެވޭ އިސްލާހުތަކާއި، އަދި ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ ޤައުމީ މި ދުރުރާސްތާ ވިސްނުންފުޅުގެ މަތީން ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަންނާއިސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮކްޓޫބަރު މަހުގެ 16 އިން 20 އަށް ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި މިކައުންސިލްގެ އިތުރުން ލިއާންގްޖޫ ފޯރަމްގައި ވެސް ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.