logo
banner image

ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުން

ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާވެސް ގުޅިފައިވާ ކަމެއް ކަމަށާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކަރުން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާލުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވަޒީރު ވިދާޅުވީ ދަނޑުވެރިކަމަށް އައްޑު ސިޓީ މީދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށެވެ. މީދޫގެ ދަނޑުވެރިންނާ ރަށުގެ ކައުންސިލާ ގުޅިގެން ރަށުގެ ދަނޑުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މީދޫގައި ދަނޑޫވެރިން ކުރަމުން އަންނަ ޒަމަނީ ދަނޑުވެރިކަމަކަށް ވާސިލުވުމައްޓަކާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ބިން ކުޑަ ވަސީލަތްތައް މަދު ގައުމެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ބިމާއި ވެލި ރާއްޖޭގައި ނެތްކަންވެސް ވަޒީރު ފާހަކަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެހެން ދާއިރާތައް ފަދައިން ދަނޑުވެރިކަމަކީވެސް ހަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާވެސް މިއަށްވުރެ ފުޅާކޮށް ރައްޔިތުންނަށް ފައިދާ ލިބޭ ދާއިރާއަކަށް ދަނޑުވެރިކަން ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑު ސިޓީ މީދޫގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

މީގެއިތުރުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.