logo
banner image

'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ގެ ނަމުގައި ހާއްސަ ފޯރަމެއް ކުރިއަށް ގެންގޮސްފި

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި މިނިސްޓްރީއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން 'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ގެ ނަމުގައި ހާއްސަ ފޯރަމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ބައިވެރިވިއެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއްކަމަށާ ހައްސަކޮށް ދަރިވަރުންނާއި ޒުވާނުން މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ. ވަޒީރުގެ ވިދާޅުވީ، މިގައުމުގެ ދަނޑުވެރިކަމުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.

މި ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، މި ދާއިރާއާ މެދު އެކުދިން ދެކޭގޮތުގެ ޚިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހާއްސަޕެނަލް ޑިސްކަޝަނެއް މި ފޯރަމްގެ ތެރެއިން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މި ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.