logo
banner image

މޫސުމަށް ނުގުޑާ ރައްކާތެރި ރަށްތަކެއް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

"ދިވެހިރާއްޖޭގައި މޫސުމަށް ނުގުޑާ ރައްކާތެރި ރަށްތަކެއް ބިނާކުރުމުގެ މަޝްރޫޢު ގެ ދަށުން، ޝަކުވާ ހުށަހަޅާ އަދި ހައްލުކުރާ ނިޒާމާ ގުޅޭގޮތުން ލ. ފޮނަދޫ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފޮނަދޫގައި ކުރިއަށްދިޔަ މި ބައްދަލުވުން އިސްވެ ގެންދެވީ މި މަޝްރޫޢުގެ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖު އެންވަޔަރަންމަންޓަލް އެންޑް އެނާރޖީ ކޮންސަލްޓަންޓެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަޝްރޫޢު ތަންފީޛުކުރުމުގެ އެކި މަރުހަލާތަކުގައި ރައްޔިތުންނަށް ދިމާވެދާނެ އެކިކަހަލަ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް، ދެފުށް ފެންނަ، ޒިންމާދާރު އަދި ހަރުދަނާ އުސޫލެއްގެ ދަށުން އަވަސް ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، އެކުލަވާލެވިފައިވާ ޝަކުވާ ހައްލުކުރާ ނިޒާމަށް ކައުންސިލާއި ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވުމަށާއި، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މަސައްކަތްތައް އެކީގައި ވިލަރެސްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައެވެ.

މިފަދަ ނިޒާމެއްގެ މައިގަނޑު ބޭނުމަކީ މަޝްރޫޢު ކުރިއަށްދާއިރު ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.