logo
banner image

ސީސީއޭސީގެ އަހަރީ ބައްދަލުވުމުގައި ޕްރޮޖެކްޓް މެނޭޖަރު ޙަސަން އަޒްހަރު ބައިވެރިވެވަޑައިގެންފި

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން (ސީސީއޭސީ) ގެ އަހަރީ ބައްދަލުވުން 2026 ގައި ރާއްޖޭގެ ފަރާތުން ޕްރޮޖެކްޓް މެނޭޖަރު ޙަސަން އަޒްހަރު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ 13 އިން 15 އަށެވެ.

މި ބައްދަލުވުމުގެ ތެރެއިން، ސީސީއޭސީގެ ކޫލިންގ ހަބްގެ ކޯ-ލީޑެއްގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކުރައްވަމުން، ތިމާވެއްޓަށް ގެއްލުންދޭ ސުޕަރ ޕޮލިއުޓަންޓްތައް މަދުކުރުމަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ބޭއްވި ނިންމުމުގެ ޕްލެނަރީ ޕެނަލް މަޝްވަރާގައި އަޒްހަރު ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ.

އެގޮތުން، ކޫލިންގ ހަބްގެ މަޝްވަރާތަކުން ނުކުތް މުހިންމު ނަތީޖާތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ރެފްރިޖަރަންޓް މެނޭޖްކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދިދާނެ ގޮތްތަކުގެ މަޢުލޫމާތު އޭނާ ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ތަކަށް މި ދާއިރާއިން ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް މިފަދަ ކުދި ޤައުމުތަކުގައި ބޭނުންކުރާ ރެފްރިޖަރަންޓްގެ މިންވަރު މަދުވުމުގެ ސަބަބުންނާއި، އެކަމަށްދާ ޚަރަދު އިންތިހާއަށް ބޮޑުވުމުން ކުރިމަތިވާ ދަތިތައް އޭނާ ފާހަގަކުރެއްވިއެވެ.

ސީސީއޭސީގެ މި ބައްދަލުވުމަކީ ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދިޔުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.