logo
banner image

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ޣާޒީ ސްކޫލުގައި ޚާއްޞަ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރް.އެފް.އެސް) ޕްރޮޖެކްޓާއި ޣާޒީ ސްކޫލް ގުޅިގެން ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

"ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދަރިވަރުން ބައިވެރިވެގެން ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ބޭރުގައި ކުރިއަށް ގެންދިޔަ ގާޑަން ސެޝަނެކެވެ.

މި އަހަރުގެ މި ދުވަސްތަކުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" (މިއަދުގެ އީޖާދު، މާދަމާގެ ދުޅަހެޔޮކަން) މި ޝިއާރުގެ ދަށުން، މި ސެޝަނުގައި ދަރިވަރުން ވަނީ ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ޒަމާނީ އަދި އީޖާދީ އުސޫލުތަކާ ބެހޭގޮތުން މައުލޫމާތު ހޯދާފައެވެ. އަދި މިހާރު ބޭނުންކުރެވެމުންދާ އެކި އުކުޅުތައް ދެނެގަނެ، މުސްތަޤުބަލުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައު ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ދަރިވަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ސެޝަންގައި އަމަލީ ގޮތުން ކަންކަން ދަސްކުރުމުގެ އިތުރުން، ފުންކޮށް ވިސްނުމަށް ބާރުއަޅާ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެ ނިޒާމެއް ބިނާކުރުމުގައި ދަރިވަރުންނަށް އަމިއްލައަށް އަދާކުރެވިދާނެ ދައުރާ މެދު ވިސްނައި، އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން، ކުރިމަގުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އީޖާދީ ދަނޑުވެރިކަމަށް ޒުވާން ޖީލު ހޭލުންތެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.