އޭއައިގެ ޒަމާނުގައި ހުނަރު އިތުރުކުރުމަށް ޕްރައިވެޓް ކެޕިޓަލް ބޭނުންކުރުމާ ގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި
ތައިލެންޑުގެ ބެންކޮކުގައި މިހާރު ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ހިއުމަން ކެޕިޓަލް މިނިސްޓީރިއަލް ކޮންކްލޭވް" ގައި ދިވެހިރާއްޖޭގެ މިނިސްޓަރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ޚާއްޞަކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޒަމާނުގައި ހުނަރު ތަރައްޤީކުރުމަށް އަމިއްލަ ފަރާތްތަކުގެ ރައުސްމާލު ނުވަތަ ޕްރައިވެޓް ކެޕިޓަލް ބޭނުންކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢަލީ ޝަރީފް ވަނީ، ރާއްޖެއިން ކުރިއަށްގެންދާ "ޑިޖިޓަލް 2.0" ޤައުމީ މަސައްކަތްތަކާއި އޭއައި ޓެކްނޮލޮޖީގެ އެހީގައި، ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ވަސީލަތްތަކުގެ ޒަރީއާއިން ކޮންމެ ރަށަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު ފޯރުކޮށްދެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ހުނަރު އިތުރުކުރުމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ބްލެންޑެޑް އަދި ނަތީޖާއަށް ބިނާވާ މާލީ އެހީތެރިކަން (އައުޓްކަމް-ބޭސްޑް ފައިނޭންސިންގ) ހޯދުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ހަމައެއާއެކު، އުނގެނޭ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ހަރުދަނާ އޮނިގަނޑުތައް އެކުލަވާލުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ ގުޅޭގޮތަށް ޚާއްޞަކޮށްގެން އެކަށައަޅާ ޙައްލުތަކެއް ހޯދުމަށްވެސް ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިނިސްޓަރު ޢަލީ ޝަރީފް ވަނީ ގޮވާލައްވާފައެވެ.
