އޯޒޯން އޮފިސަރުންގެ ސަރަޙައްދީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެކުނު އޭޝިއާ، ސައުތު އީސްޓް އޭޝިއާ އަދި ޕެސިފިކް އައިލެންޑް ގައުމުތަކުގެ ނޭޝަނަލް އޯޒޯން އޮފިސަރުންގެ ޖޮއިންޓް ނެޓްވޯކް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ 2026 އޮކްޓޫބަރު 14 އިން 16 އަށް، ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ނޭޝަނަލް އޯޒޯން ޔުނިޓުގެ ވަފުދުގެ އެންމެ އިސްވެރިއަކަށް ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މިރުޒާ މުޙައްމަދެވެ. މީގެއިތުރުން މި ވަފުދުގައި އަލްފާޟިލާ ނަފްހާ ޢައްބާސް އަދި އަލްފާޟިލް ޒަމީރު ޒުބައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުހިންމު ބައްދަލުވުމަކީ ވިއެޓްނާމްގެ ޑިޕާޓްމަންޓް އޮފް ކްލައިމެޓް ޗޭންޖާއި، ޔޫއެންއީޕީ (ޔުނެޕް) އޯޒޯންއެކްޝަން ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ގައުމުތަކުން އަދާކުރަންޖެހޭ ޒިންމާތައް ދެމެހެއްޓުމާއި، ކިގާލީ އެމެންޑްމަންޓްގެ ދަށުން އެޗް.އެފް.ސީ ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ. އަދި ފިނިކުރުމަށް ބޭނުންކުރާ ގޭސްތައް ނައްތާލުމާއި، އޭގެ ލައިފް-ސައިކަލް މެނޭޖްމަންޓް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
