logo
banner image

އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފި

ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑު ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދަނޑުވެރިންގެ މާރުކޭޓު ހުޅުވައިދެއްވީ ވަޒީރު އަހްމަދު ޝިޔާމްއެވެ.

"ވީކެންޑް މާރކެޓް“ގެ ނަމުގައި ހުޅުވި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް މި ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މި މާރުކޭޓަކީ ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި މާރުކޭޓެކެވެ.

ރަށުގެ ދަނޑުވެރިންގެ ކުރިއެރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކަކާއި އެކު އަންނަނީ ފާހަގަކުރަމުންނެވެ. މި މަހުގެ 11 އިން 18 އަށް ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހަރަކާތްތައް އަންނަނީ ރާވާ ހިންގަމުންނެވެ. އޭގެ ތެރޭގައި ހދ ހަނިމާދޫ ރ.އަނގޮޅި ތީމު ރ.ކިނޮޅަސް ލ.މަބައިދޫ ރ.ދުވާފަރު ހދ.ނޮޅިވަރަމް ނ.ލަންދޫ އަދި ހއ ބާރަށް ހިމެނެއެވެ.