logo
banner image

20 ނާސަރީގެ ތެރެއިން ފުރަތަމަ ނާސަރީ މިއަދު ސ. މީދޫގައި ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ، ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 20 ނާސަރީގެ ތެރެއިން ފުރަތަމަ ނާސަރީ މިއަދު ސ. މީދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ނާސަރީ ރަސްމީކޮށް ހުޅުއްވާދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އޮނަރަބަލް އަޙުމަދު ޝިޔާމް އެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކޮށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ މަސައްކަތެކެވެ.

މިއަދު ސ. މީދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ނާސަރީ ހުޅުވިގެން ދިޔުމާއެކު، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިތުރަށް ފުޅާވެ، އެ ސަރަޙައްދަށް ބޭނުންވާ ގަސްގަހާގެހި ފަސޭހަކަމާއެކު އާލާކޮށް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ޤާއިމުކުރާ މިފަދަ ނާސަރީތަކުގެ ސަބަބުން، ރަށްރަށުގެ ފެހިކަން ދެމެހެއްޓުމަށާއި، ގަސް އިންދުމުގެ ޘަޤާފަތް މުޖުތަމަޢުގައި އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާކީ ހުރި ނާސަރީތައް ވެސް ޤާއިމުކުރެވިގެންދާނެއެވެ.