logo
banner image

މިނިސްޓަރު ޢަލީ ޝަރީފް އޭޑީބީގެ ވައިސް ޕްރެޒިޑެންޓާ ބައްދަލުކުރައްވައިފި

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުން 2026 ގެ ހަވާސާގައި، މިނިސްޓަރު ޢަލީ ޝަރީފް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވައިސް ޕްރެޒިޑެންޓް (ސެކްޓާސް އެންޑް ތީމްސް) ވެމްޕީ ސަޕުތުރާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

އެގޮތުން، އައްޑޫ އަދި ތިލަފުށީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ (ވޭސްޓް-ޓު-އެނާޖީ) ޕްލާންޓްތަކުގެ މަސައްކަތް ނިންމައި އެ މަޝްރޫޢުތައް ފުޅާކުރުމާއި، ތިލަފުށީގެ ހަކަތައިގެ ނެޓްވޯކް މާލޭގެ ގްރިޑާ ގުޅާލުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އަދި މީގެ އިތުރުން ގްރިޑް އިންޓަކަނެކްޝަންތައް އިތުރަށް ހަރުދަނާކުރުމަށާއި، މި ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް އިސްކަންދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ (ސޯލާ) މަޝްރޫޢުތަކަށް އިންވެސްޓްމަންޓް އަވަސްކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލު ހޯދުމުގެ މުހިންމުކަން މިނިސްޓަރު ޢަލީ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށްޓާއި ހަކަތައިގެ ދާއިރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.