logo
banner image

މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓަރު އަލީ ޝަރީފް ޖީސީއެފްގެ ވެރިޔާއާ ބައްދަލުކުރައްވައިފި

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަލީ ޝަރީފް ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެގްޒެކެޓިވް ޑިރެކްޓަރު މަފަލްޑާ ޑުއާޓޭއާ ބައްދަލުކުރައްވައިފިއެވެ.

މި ދެބޭފުޅުންގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖީސީއެފްގެ އެހީތެރިކަން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ރާއްޖެއަށް ފަސޭހަކަމާއެކު ލިބޭނެ މަގުތައް ޖީސީއެފް މެދުވެރިކޮށް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ޤައުމަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ހޯދުމަކީ ދިވެހި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން ޖީސީއެފްއަކީ މިފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.