logo
banner image

މިނިސްޓަރު އަލީ ޝަރީފް ކްލައިމެޓް އިންވެސްޓްމަންޓް ފަންޑްސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަލީ ޝަރީފް ކްލައިމެޓް އިންވެސްޓްމަންޓް ފަންޑްސް (ސީއައިއެފް) ގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ރާއްޖެއަކީ ވިލުންވެރި ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ސީއައިއެފްގެ އެހީތެރިކަން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.