ވަޒީރު ހީނާ ވަލީދު ދިވެހި ލިޔުންތެރިންނާ ބައްދަލުކުރައްވައިފި
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނާ ބައްދަލުކުރައްވައިފިއެވެ.
ވުޒާރާގެ "އިސްވަރު" ހޯލުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމަކީ ލިޔުންތެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ލިޔުންތެރިކަމަކީ މި ވުޒާރާއާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ޚިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، މި ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅަށްފަހު، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ ދެ ފޮތްކަމަށްވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" މި ފޮތާއި، މަރުޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި" މި ދެ ފޮތް ވަޒީރު ހީނާ ވަލީދަށް ވަނީ އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، ހާޟިރުވެވަޑައިގެން ތިއްބެވި ބައެއް ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުޤުވެރިކުރެވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ލިޔުންތެރިންގެ ޚިޔާލަށް ހުށަހެޅުއްވުމުން، ބައެއް ލިޔުންތެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، މިހާރަށްވުރެ އިތުރަށް ލިޔުންތެރިކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ބައްދަލުކުރެއްވުމުގައި ބައިވެރިވި ޒުވާނެއްގެ ފަރާތުން "ޒުވާނުން ލިޔުންތެރިންނަށް ވާންވީ ކީއްވެ؟" މި ސުވާލު ހުށަހެޅުމުން، ވަޒީރު ހީނާ ވަލީދާއި، ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ދުވަސްވީ ތަޖުރިބާކާރު ލިޔުންތެރިންކަމުގައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުއްރަޝީދު ޙުސައިންއާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢައްބާސް އިބްރާހީމްގެ އިތުރުންވެސް ބައެއް ލިޔުންތެރިން ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފައެވެ.
-1792046566512.webp)