17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ 17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމް (އައި.އީ.އެފް 17) ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.
ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަޤްވާމީ ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.
މި ބައްދަލުވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ތަރައްޤީކުރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ އަގުހުރި ފުރުޞަތެއް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފައެވެ.
