logo
banner image

އިމްޕޯޓް ޑިއުޓީ އާއި ޖީ.ޖީ.އެސް.ޓީ އާމްދަނީ އިތުރުވެ، ދައުލަތުގެ ޖުމްލަ އާމްދަނީ 31.566 ބިލިއަން ރުފިޔާއަށް އަރައިފި

08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ. ޖީ.ޖީ.އެސް.ޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.375 ބިލިއަން ރުފިޔާއެވެ. މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ފެނިފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތަ އިތުރުވެ 0.515 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ދައުލަތުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ޚަރަދު ވަނީ 16.0 އިންސައްތަ އިތުރުވެ، 4.312 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެހެނިހެން ޚަރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.265 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާ ހިލާފަށް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 3.801 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޖުމްލަކޮށް ބަލާއިރު، 08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 31.053 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 4.931 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.