logo
banner image

ކޮޕް31 ގެ ކުރިން ބާއްވާ އޭއޯސިސްގެ މުހިންމު ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކުރިއަށް އޮތް ކޮޕް31 (COP31) މޫސުމީ ބައްދަލުވުމުގެ ކުރިން، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) ގެ ކްލައިމެޓް ޗޭންޖް ކޯޑިނޭޓަރުންގެ މެދުގައި ބާއްވާ މުހިންމު ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސަމޯއާގެ ވެރިރަށް އަޕިއާގައި މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް އަދި ޑިރެކްޓަރ ތިބްޔާން އިބްރާހީމް އެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކާ ކުރިމަތިލާންޖެހިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ މޫސުމީ މަޝްވަރާތަކުގައި އެ ޤައުމުތަކުގެ އަޑު އެއްގޮތްކުރުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް ކޮޕް31 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުދި ޖަޒީރާ ޤައުމުތަކުން ވަކާލާތުކުރާނެ މައިގަނޑު ކަންކަން ކަނޑައެޅުމާއި، ސްޓްރެޓެޖީތައް އެކުލަވާލުން މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި، ވަކިން ޚާއްޞަކޮށް އޭއޯސިސް ފަދަ ޖަމާޢަތްތަކުގައި އަބަދުވެސް އިސް ސަފުގައި ވަކާލާތުކުރަމުން އަންނަ ޤައުމެކެވެ. ރާއްޖެއިން އަންނަނީ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.