logo
banner image

ޓްރެކްޓް ޕްރޮޖެކްޓުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ކާރިސާތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ "ޓްރެކްޓް" (TRACT) ޕްރޮޖެކްޓުގެ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ (ޕީ.އެސް.ސީ) ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ކަމާބެހޭ ޤައުމީ އިދާރާތަކާއި ޓެކްނިކަލް ޕާޓްނަރުން އެއްތަނަކަށް އެއްވެ، ޕްރޮޖެކްޓުގެ މަސައްކަތްތައް ހިންގުމުގައި އެއްބާރުލުން އިތުރުކުރުމަށާއި، މަޝްރޫޢު ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދިނުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޕްރޮޖެކްޓް ކުރިއަށްގެންދާނެ ސްޓްރެޓީޖިކް މިސްރާބުތަކާއި، ގުޅިގެން މަސައްކަތްކުރެވޭނެ އޮނިގަނޑެއް އެކުލަވައިލުމާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން، އިތުބާރުހުރި މޫސުމީ މަޢުލޫމާތާއި ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި، އެކި ކާރިސާތަކުގެ އިންޒާރު ކުރިއާލައި ފޯރުކޮށްދޭ "މަލްޓި-ހަޒާޑް އާރލީ ވޯނިންގ" ނިޒާމު، ރައްޔިތުންނާ ގާތުން ކޮންމެ މުޖުތަމަޢަކަށްވެސް ވާސިލުވާނޭހެން ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް ބޭނުންވާ ސައްޙަ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަކީ މި ޕްރޮޖެކްޓުގެ މުހިންމު ލަނޑުދަނޑިއެކެވެ. މިއަދުގެ ބައްދަލުވުމާއެކު، ޓްރެކްޓް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.