logo
banner image

ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ޑެޕިއުޓީ މިނިސްޓަރު ނިޒާމް ދިގުރަށު ކައުންސިލާ ބައްދަލުކުރައްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމާއި، އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޓީމެއް އދ. ދިގުރަށަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރު ނިޒާމާއި މިނިސްޓްރީގެ ވަފުދުން ވަނީ ދިގުރަށު ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ރަށުގައި ދެވޭ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ސާފުތާހިރު، ފެހި އަދި މޫސުމީ ބަދަލުތަކަށް ކެތްކުރެވޭފަދަ ވެއްޓެއް ޤާއިމުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މީގެއިތުރުން، ކުނި މަދުކުރުމާއި ވަސީލަތްތައް އަލުން ބޭނުންކުރުމުގެ އާދަ އަށަގެންނެވުމުގައި މުޖުތަމަޢުގެ ދައުރު ފުޅާކުރުމުގެ މުހިންމުކަންވެސް މި މަޝްވަރާތަކުގައި ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓްރީގެ ޓީމުން ވަނީ ދިގުރަށުގައި މިހާރު ހުރި ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ވަޒަންކުރައްވާފައެވެ. އަދި މިހާރު ޤާއިމުކުރެވިފައިވާ ވަސީލަތްތައް ބައްލަވާލައްވައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.