logo
banner image

ރައީސުލްޖުމްހޫރިއްޔާގެ ސަގާފީ ފަތުރުވެރިކަމުގެ ތަޞައްވުރު އެކަށައަޅާ ތަރިކައިން މާލީ މަންފާ ލިބޭނޭ ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން – ވަޒީރު ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާގެ ސަގާފީ ފަތުރުވެރިކަމުގެ ތަޞައްވުރު އެކަށައަޅާ ތަރިކައިން މާލީ މަންފާ ލިބޭނޭ ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމްގައި އާއްމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްތަކަށް މާލީ މަންފާ ލިބޭނެގޮތަށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންދާކަމަށެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ރަށްތަކަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫ އެވެ. ވަޒީރު ވިދާޅުވީ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތުގެއެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާކަމަށާއި މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އޮތީ 13 އަހަރު ދުވަހު ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައެވެ. މިމަސައްކަތުގެ ނޮމިނޭޝަން ފައިލް، މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގަނެފައެވެ. މިގޮތުން ހިރިގަލުގެ 5 މިސްކިތެއް މިލިސްޓުގައި ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް(އައިކޮމޮސް) އިން އިވެލިއޭޝަން މަސައްކަތް ނިންމާފައިވާކަމަށާ، މިއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް ހުށަހެޅިގެންދާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެންދިއުމެވެ.

މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ތަރިކަ ބަލައިގަނެވި، މިސްކިތްތައް ބަލަން އަންނަ ފަތުރުވެރިން އިތުރުވެ، ރަށްތަކަށާއި މުޅި ޤައުމަށް އިޤްތިޞާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމާ ގުޅޭ ޚާއްސަ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީއާ ވިޒިޓް މޯލްޑިވިސް ގުޅިގެން ކުރެވޭނެކަމަށެވެ.

ހިރިގަލު މިސްކިތްތަކަކީ އިންޑިއާ ކަނޑުގެ ދަތުރުފަތުރުތަކާއި ވިޔަފާރީގެ ތެރެއިން ދެކުނު އޭޝިޔާ، އިރުދެކުނު އޭޝިޔާ، އިރުމަތީ އެފްރިކާ، އަދި މެދުއިރުމަތީގެ ޤައުމުތަކާއެކު އުފެދުނު ބަދަލުތައް ރަމްޒުކޮށްދޭ މުހިއްމު ބިނާތަކެކެވެ. މި ބިނާތަކުން ފެންނަނީ ބޭރުގެ ނުފޫޒުތައް ދިވެހިވަންތަކޮށް، އަމިއްލަ ފަންނުވެރިކަމެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ޚާއްސަ "ވަރނިކިއުލަރ އާކިޓެކްޗަރ" އެކެވެ. މިގޮތުން މިސްކިތްތަކުގެ އިމާރާތްކުރުމުގެ ފަންނާއި، ވަޑާމުގެ އުކުޅުތަކާއި، ކުރެހުންތަކާއި، ލިޔެލާޖެހުމާއި އަދި ޢަރަބި ލިޔުންތަކުން ދިވެހިންނަށް ޚާއްސަ މުރަކައިގެ ފަރުމާތައް ފެންނާން ހުއްޓެވެ.

މި މިސްކިތްތަކަކީ އިންސާނީ ތާރީޚުގެ ތަފާތު ދެ މަރުހަލާއެއް ސިފަކޮށްދޭ ހެއްކެކެވެ. އެއީ އިސްލާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ރަންޒަމާނުގެ އިތުރުން، އޭގެ ފަހުން އިންޑިއާ ކަނޑަށް އަތްގަދަކުރަން ފެށި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދާއި، އިސްލާމްދީން ކުރިއަރައި ހަރުދަނާވެފައިވާ ގޮތް ދައްކައިދޭ ދިވެހިންގެ އަމިއްލަ ސަގާފީ ބިނާތަކެކެވެ.