ފިޖީގައި ކުރިއަށްދިޔަ ޕްރީ-ކޮޕް31 ގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފި
ފިޖީގެ ނާދީގައި މިހާރު ކުރިއަށްދާ ޕްރީ-ކޮޕް31 ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ޕެނަލް މަޝްވަރާއެއްގައި، ދިވެހިރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

"އެކްސެލެރޭޓިންގ އެޓޯލް އެޑަޕްޓޭޝަން: ކަންޓްރީ-ލެޑް އެކްޝަން" މި މައުޟޫޢަށް ބޭއްވި މި ޕެނަލް މަޝްވަރާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަތޮޅުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް (އެޑަޕްޓޭޝަން) ކުރެވޭ މަސައްކަތްތައް އަވަސްކުރުމާއި، އެ ޤައުމުތަކުގެ އަމިއްލަ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތްތައް ވަރުގަދަކުރުމުގެ މައްޗަށެވެ.
މި ބައްދަލުވުމުގައި، ޖަޒީރާ ޤައުމުތަކުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާތަކާއި، އެ ޤައުމުތަކުން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ހޭނުމުގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ފަސޭހައިން ލިބޭނެ މޫސުމީ މާލީ އެހީތެރިކަމާއި (ކްލައިމެޓް ފައިނޭންސް)، ފަންނީ އެހީތެރިކަމުގެ އިތުރުން ބައިނަލްއަޤްވާމީ އެއްބާރުލުން ނުހަނު މުހިންމުކަން މި މަޝްވަރާތަކުގައި ވަނީ ފާހަގަކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު، ބައިނަލްއަޤްވާމީ މިފަދަ މުހިންމު ޕްލެޓްފޯމްތަކުގައި ރާއްޖެއިން ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައްޔާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ސަރުކާރުން އަބަދުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
