logo
banner image

އެގްރޮފޮރެސްޓްރީ ދަނޑުތައް އެލުމަށް 10 ރަށަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުން

މި މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމަންޓް އެންޑް އެނާޖީ ގުޅިގެން ދިވެހިރާއްޖޭގެ 10 ރަށެއްގައި އެގްރޯ ފޮރެސްޓްރީ ދަނޑު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެރަށްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުމާލެ، ވޯޓަރއޭޖްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި, މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ނާއިފްއެވެ. އަދި ރަށްތަކުން އެރަށެއް ތަމްސީލްކުރާ ކައުންސިލްގެ މެންބަރެކެވެ.

ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވާ، ތިމާވެއްޓައި ރައްޓެހި، ދެމެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ދިވެހިރައްޖޭގައި ހައްދާ ބާވާތްތައް އިތުރުކޮށް ރައްކާތެރިގޮތެއްގައި މޭވާ އަދި ތަރުކާރީ އުފައްދާ ދިވެހިރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް އެތަކެއް މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ރާއްޖޭގެ ކާނާގެޔަގީންކަން ކަށަވަރުކުރުމަށްޓަކައި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮޤްރާމްގެ ތެރެއިން ރަށްރަށުގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

އެގްރޯފޮރެސްޓްރީ އަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ.

މިއަދު ދަނޑު އެޅުމަށް ސޮއި ކުރެވިގެން ދިޔަ 10 ރަށަކީ:

  1. ހއ، ބާރަށް،
  2. ރ. އިނގުރައިދޫ،
  3. ކ. ކާށިދޫ،
  4. ކ. މާފުށި،
  5. ކ. ތުލުސްދޫ،
  6. މ. ވޭވަށް،
  7. ގއ. ގެމަނަފުށި،
  8. ގދ. ހޯނޑެއްދޫ،
  9. ގދ. ފިޔޯރީ،
  10. ލ. އިސްދޫ

މިޕްރޮގްރާމެގެ ދަށުން ގާއިމް ކުރެވިގެންމިދާ ދަނޑު ތަކަކީ ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާ ކުރެވިފައިވާ، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެވިގެންދާ ނަމޫނާ ދަނޑުތަކަކަށްވާނެއެވެ.

10 ރަށެއްގައި ގާއިމް ކުރެވިގެންމިދާ 2 ހެކްޓަރާއި 4 ހެކްޓަރާއި ދެމެދުގެ ބޮޑުމިން އެކުލެވޭ މި ދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހެއްދުމަށް ހަމަ ޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓައި ގުޅޭ، ދިގުމުއްދަތަކަށް ހެއްދޭ، ބާވަތްތަކާއި އެކު ކުރުމުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. މިހެންކަމުން މި ދަނޑުތަކުން ދިގުމުއްދަތަކަށް ކާނާ އަދި މުޑުވައްގަސް އުފެއްދުމަށް މަގުފަހި ވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މި ބާވަތްތައް އުފެއްދޭ މިންވަރު އިތުރު ކުރެވި، މި ބާވަތްތައް ބޭރުން އެތެރެ ކުރުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

މީގެ އިތުރުން މިދަނޑުތަކަކީ މި މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފާގެ ދަށުން ކައުންސިލްތަކުން ހައްދަމުން ގެންދާނެ ދަނޑުތަކެއް ކަމުން، މި ދަނޑުތަކުގެ ޒަރިއްޔާއިން ރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއި އެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތު ލިބިގެންދާނެއެވެ.

މި ވުޒާރާގެ އުންމީދަކީ މި ދަނޑު ތަކުގެ ޒަރިއްޔާއިން ކާނާގެ ޔަޤީންކަން އިތުރުކޮށް، މި ދަނޑުތަކުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަތަރުލައްކަ އަށްވުރެ ގިނަ ގަސް އުފެއްދިގެން ދިއުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި ތިމާވެއްޓާއި ރައްޓެހި ޒަމާނީ ދަނޑުވެރިކަމަކަށް، ދިވެހިރާއްޖޭގައި ކުރެވެމުންދާ ދަނޑުވެރިކަން ބަދަލުވެގެންދިއުމަކީ އަމާޒެކެވެ.